ޕެނަމާގެ އުތުރު ސަރަޙައްދުގެ ކަނޑުއަޑީގައި ބަހައްޓާފައިވާ ކެޕްސިއުލެއްގައި 120 ދުވަހު ދިރިއުޅެ، ޑީކޮމްޕްރެޝަން ނުކޮށް އެންމެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި އުޅުނު މީހާގެ ދުނިޔޭގެ ރެކޯޑު ޖަރުމަނުގެ އެއަރޮސްޕޭސް އިންޖިނިއަރެއް ކަމުގައިވާ ރުޑިގަރ ކޯޗް (59 އަހަރު) ހަދައިފިއެވެ. މި ރެކޯޑު ހެދި ކަން ގިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރު ސުސާނާ ރެޔެސް ހުކުރު ދުވަހުވަނީ ކަށަވަރުކޮށްދީފައެވެ.

ކަނޑުއަޑީގައި 11 މީޓަރު ފުންމިނުގައި ބަހައްޓާފައިވާ 30 އަކަމީޓަރުގެ ކެޕްސިއުލްގައި ހޭދަކުރި 120 ދުވަހުގެ މުއްދަތަށްފަހު، ކޯޗް މައްޗަށް އަރައި އޭ.އެފް.ޕީއަށް ވާހަކަދައްކަމުން ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ތަޖުރިބާ ނިމުނީތީ ހިތާމަވެސް ކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކަނޑުއަޑީގެ މަންޒަރު ވަރަށް ރީތި ކަމަށާއި، އެ މަންޒަރު ބަޔާންކޮށްދޭން ދަތި ކަމަށެވެ.

Ad
rt

މި ރެކޯޑު ކުރިން އޮތީ އެމެރިކާގެ ޖޯސެފް ޑިޓޫރީގެ ނަމުގައެވެ. އޭނާ ފްލޮރިޑާގެ ލެގޫނެއްގައި ހުރި ކަނޑުއަޑީގެ ލޮޖެއްގައި 100 ދުވަހު ހޭދަކޮށްފައިވެއެވެ.

ކޯޗްގެ ކެޕްސިއުލްގައި ޒަމާނީ ދިރިއުޅުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ހުއްޓެވެ. އޭގެ ތެރޭގައި އެނދެއް، ފާޚާނާއެއް، ޓީވީއެއް، ކޮމްޕިއުޓަރާއި އިންޓަނެޓް އަދި އެކްސަސައިޒް ބައިކެއްވެސް ހިމެނެއެވެ.

މި ކެޕްސިއުލް ހުރީ އެހެން ޗެމްބަރަކާ ގުޅިފައެވެ. އެ ޗެމްބަރު ހުރީ ކަނޑުމަތީގައެވެ. މި ދެ ޗެމްބަރު ގުޅިފައިވަނީ ހަނި ސިޑިއެއް ހުރި ހޮޅިއަކުންނެވެ.