އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު، ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން (3-1) ސިޓީން މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އަނެއްކާވެސް ޖެހިލައިފިއެވެ.

ޕޮއިންޓް ތާވަލުގެ ތިންވަނައާއި ހަތަރުވަނަ އަދި ފަސްވަނައިގެ ވާދަވެރިކަން ބޮޑެވެ. މި ހަފްތާގެ މެޗުތައް ފެށިއިރު ހަތަރު ވަނާގައި އޮތީ ޗެލްސީއެވެ. ނަމަވެސް ރޭ ސިޓީ އަތުން ޗެލްސީ ބަލިވެ، ރޭ ނިއުކާސަލް ވުލްވްސް އަތުން މޮޅުވުމާއިއެކު ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ސޮއްސާލާފައެވެ.

Ad
rt

ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީ ވަނީ ހަތަރު ވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 23 މެޗުން ވަނީ 41 ޕޮއިންޓް ލިބިފައެވެ. ފަސްވަނާގައި ނިއުކާސަލް އޮތީ 23 މެޗުން ސިޓީއާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ހަވަނާގައި އޮތީ 23 މެޗުން ލިބުނު 40 ޕޮއިންޓާއިއެކުއެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު ދެވަނަ މިނެޓުގައި ޖަހައިދިނީ މަޑުއޭކޭއެވެ. ސިޓީކޮޅަށް މި ލަނޑު ވަދެފައިވަނީ ދާދިފަހުން ސިޓީ އަށް ސޮއި ކުރި އަބްދުގާދިރު ކުސަނޯވް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މިއީ ކުސަނޯވް ސިޓީގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ޑިފެންޑަރ ޖަސްކޯ ގްވާޑިއޯލްއެވެ. މަތިއުސް ނޫނޭޒް ގޯލަށް ފޮނުވާލި ބޯޅައެއް ޗެލްސީގެ ކީޕަރު ސަންޗޭޒް އަތުގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު އޭރިޔާ ތެރޭގައި ހުހަށް ހުރި ގްވާޑިއޯލް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޗެލްސީގެ ގޯލުކީޕަރ ރޮބާޓޯ ސަންޗޭޒް ހެދި ގޯހެއްގެ ފައިދާ ނަގާ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ސިޓީ އަށް ލީޑު ނަގައިދީފައެވެ. ގޯލު ދޫކޮށް ކުރިއަށް އަރާފައިވަނިކޮށް ހާލަންޑް މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސަންޗޭޒްގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަކީ މި ސީޒަނުގައި ހާލަންޑު ޖެހި 18 ވަނަ ލަނޑެވެ.

ސިޓީ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ފިލް ފޯޑެން ކާމިޔާބު ކުރި ލަނޑެކެވެ.