ރެއާލް މެޑްރިޑް ޖާޒީގައި އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާއިއެކު، ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ފުޅާކޮށްފިއެވެ.

ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި 1-1 ގެ ނަތީޖާއިން ވިޔަރެއާލާއި އެއްވަރުވުމުން އެ ޓީމަށް ދެ ޕޮއިންޓް ގެއްލުމުގެ ފައިދާ ރެއާލުން މިވަނީ ނަގާފައެވެ. ރެއާލުން ރޭ ހޯދި ތިން ޕޮއިންޓާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލް އެއްވަނާގައި އޮތީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އެތުލެޓިކޯއަށް 21 މެޗުން ލިބިފައި ވަނީ 45 ޕޮއިންޓެވެ. ތިންވަނާގައި ބާސެލޯނާ އޮތީ 20 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ރެއާލުންނެވެ.

މި މެޗުގައި ރެއާލަށް ތިން ލަނޑު ވެސް ޖަހައދިނީ އެމްބާޕޭއެވެ. މިއީ އޭނާ ރެއާލް ޖޯޒީގައި ހެދި ފުރަތަމަ ހެޓްރިކެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ މިހާތަނަށް ވަނީ ރެއާލަށް 22 ލަނޑު ޖަހައިދީފައެވެ.

ރޭ މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހިއިރު ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖެހީ ރޮޑްރިގޯގެ އެހީތެރިކަމާއިއެކުއެވެ. ތިންވަނަ ލަނޑަކީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ ހެޓްރިކް ހެދުނީތީ ވަރަށް އުފާކުރާކަމަށާއި އެކަމަކު އެއަށް ވުރެ އުފާވަނީ ޓީމް މޮޅުކޮށްދެވުނީމައި ކަމަށެވެ. އެތުލެޓިކޯ މެޑްރިޑް ވިޔަރެއާލާއި ބައްދަލުކުރި މެޗު އެއްވަރުވެފައި އޮތުމުން އޭގެ ފައިދާނަގަން މެޗަށް ނުކުމެ އެކަން ހާސިލްވުމުން ވަރަށް އުފާވެފައި ހުރިކަމުގައި އޭނާ ބުންޏެވެ.