ޗައިނާއިން އިތުރު މުވާސަލާތީ ޓެސްޓް ސެޓެލައިޓެއް ޖައްވަށް ފޮނުވާލައިފިއެވެ.
ޗައިނާގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި، މިއީ އެ ޤައުމުން މިއަހަރުގެ މިހާތަނަށް ޖައްވަށް ފޮނުވާލި ހަވަނަ މުވާސަލާތީ ޓެކްނޮލޮޖީ ޓެސްޓް ސެޓެލައިޓެވެ.
ބޭޖިންގުން މި ސެޓެލައިޓް އުދުއްސާލީ ބުރާސްފަތި ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި، އިރުމަތީ ސީޗުއާން ޕްރޮވިންސްގައި ހުންނަ ޒީޗަންގް ސެޓެލައިޓް މަރުކަޒުންނެވެ. މިކަން ޒިންހުއާ ނިއުސްއިން ވަނީ ރިޕޯޓުކޮށްފައެވެ.
ސެޓެލައިޓް އުދުއްސާލުމަށް ބޭނުންކުރީ ލޯންގް މާޗް-3ބީ ރޮކެޓެކެވެ. އަދި ސެޓެލައިޓް ވަނީ ރޭވިފައިވާ އޯބިޓަށް ކާމިޔާބުކަމާއެކު ވަދެފައެވެ.
ޗައިނާގެ އޮފިޝަލުން ބުނާ ގޮތުގައި މި ސެޓެލައިޓް ބޭނުންކުރާނީ ސެޓެލައިޓް މުވާސަލާތަށާއި، ރޭޑިއޯ އަދި ޓެލެވިޜަން ބްރޯޑްކާސްޓިންގ އަދި ޑޭޓާ ފޮނުވުމުގެ ޚިދުމަތްތަކަށެވެ.
މިއީ ލޯންގް މާޗް ރޮކެޓްތަކުން ކުރި 558 ވަނަ ދަތުރެވެ.
ޗައިނާއިން މިއަހަރުގެ ފުރަތަމަ ސެޓެލައިޓް ފޮނުވާލީ ޖެނުއަރީ 7 ގައެވެ. އެއީ ޝީޖިއަން-25 ޓެސްޓް ސެޓެލައިޓެވެ. މިވެސް އުދުއްސާލީ ލޯންގް މާޗް-3ބީ ރޮކެޓަކުންނެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ އިތުރު 18 ސެޓެލައިޓް ޖައްވަށް ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!