ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު އޮތްކަމަށްބުނެ އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ޑެސްކުގެ ތަމީން އަލް-ކީތާން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އަލުން ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅުގައި ތަމީން އަލް-ކީތާން ވިދާޅުވީ އިސްރާއީލުން ޖެނީންގައި ހިންގަމުންދާ ހަމަލާތަކަކީ "މަރުގެ އޮޕަރޭޝަންތަކެއް" ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިސްރާއީލުން ޖެނީން ސިޓީގެ މެދުތެރޭގައި އޮންނަ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ، ކައިރީގައި ހުރި ހޮސްޕިޓަލެއް ވަށައިލުމާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ ވެސްޓް ބޭންކުގެ ޖެނީންގައި ޣައިރު ޤާނޫނީ ގޮތުން މާރާމާރީ ހިންގަމުންދާތީ،" އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމައިގައި ބޭނުންކުރާ ގޮތްތަކާއި ވަސީލަތްތައް އިންސާނީ ޙައްޤުތަކާ ޚިލާފަށް ބޭނުންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ތެރޭގައި "މަތިންދާ ބޯޓުން ދޭ ގިނަ އަދަދެއްގެ ހަމަލާތަކާއި، ފިލަން އުޅޭ ނުވަތަ ރައްކާތެރިކަން ހޯދަން އުޅޭ ހަތިޔާރު ނުގެންގުޅޭ މީހުންނަށް ބަޑިޖަހާ މަންޒަރު" ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާތަކަކީ އިންސާނީ ޙައްޤުތަކާ ޚިލާފު އަދި ނުބައްދަލު ބާރުގެ ބޭނުންކުރުން ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ޑެސްކުން ވަނީ ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!