ޓިކްޓޮކް އިން އެމެރިކާގައި އަލުން ޚިދުމަތް ފެށުމަށް މަސައްކަތް ފަށައިފިއެވެ.
ޓިކްޓޮކްއިން މިއަދު ބުނެފައިވަނީ، އިއްޔެ ރޭ އެމެރިކާގެ ޔޫޒަރުންނަށް މެދުކަނޑާލި ޚިދުމަތް އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަން ޓިކްޓޮކުން ހާމަކޮށްފައި ވަނީ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.
ޓިކްޓޮކްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރުމުގައި ބުނެފައިވަނީ، 170 މިލިއަނަށްވުރެ ގިނަ އެމެރިކާ ރައްޔިތުންނަށާއި 7 މިލިއަން ކުދި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގައި އެއްވެސް އަދަބެއް ނުދޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ.
އެޕްރީލް މަހު ބައިޑެން ސޮއިކުރި ގާނޫނުގައިވާ ގޮތުން، ޗައިނާގެ ކުންފުނި ބައިޓްޑާންސްއިން ޓިކްޓޮކް، ޗައިނާގެ ނޫން ފަރާތަކަށް ވިއްކާލަންޖެހެއެވެ. މި ގާނޫނުގެ ދަށުން އަދަބު ތަންފީޒުކުރުމުގެ ކުރިން ރައީސަށް 90 ދުވަހުގެ މުއްދަތެއް އިތުރުކުރެވިދާނެއެވެ.
ޓްރަމްޕް ވަނީ އާދީއްތަ ދުވަހު އެގްޒެކެޓިވް އޯޑަރއެއްގައި ސޮއިކޮށް، މި މުއްދަތު އިތުރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސްއިން މިހާތަނަށް ކުންފުނި ވިއްކާލުމަށް ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެއެވެ.
މި ވަގުތު ޓިކްޓޮކްގެ ޚިދުމަތް ވެބް ބްރައުޒަރ މެދުވެރިކޮށް ލިބެން ހުރި ނަމަވެސް، އެޕްލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން އެޕް ޑައުންލޯޑް ނުކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!