ހަމާސް އާއި އިސްރާއީލް އާ ދެމެދު ހިނގަމުންދާ 15 މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، އިސްރާއީލްގެ ތިން ރަހީނުން އާދީއްތަ ދުވަހު ހަމާސްއިން ދޫކޮށްލައިފިއެވެ.

މިއީ ހަމާސްގެ ބަންދުގައި ތިބި އިސްރާއީލްގެ ގައިދީންނާ ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެޅުނު ފުރަތަމަ ފިޔަވަޅެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ދޫކޮށްލެވުނު ތިން އަންހެނުންގެ ބަދަލުގައި ފަލަސްޠީނު 90 ގައިދީން ދޫކޮށްލެވޭނެކަމަށް ބެލެވެއެވެ. ނަމަވެސް، މިފަހަރު ދޫކޮށްލެވުނު ރަހީނުންގެ ތެރޭގައި އެމެރިކާ އެއްވެސް ރައްޔިތަކު ނުހިމެނެއެވެ. އަދި 2023 އޮކްޓޯބަރު 7 ގެ ހަމަލާގައި ރަހީނުންގެ ގޮތުގައި ގެންދެވުނު ދެ އަހަރުގެ ކުޑަކުއްޖާ ކްފިރް ބިބާސް ވެސް މިފަހަރު ދޫކޮށްނުލެވެއެވެ.

ދޫކޮށްލެވުނު ރަހީނުން އިސްރާއީލްގެ ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އައިޑީއެފްގެ ޚާއްސަ ބާރުތަކާއި އައިއެސްއޭގެ ބާރުތަކުންނެވެ. އަދި އެފަރާތްތަކަށް އިބްތިދާއީ ސިއްހީ ފަރުވާ ދިނުމުގެ މަސައްކަތް ވެސް ކުރެވުނެވެ.

މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް 6 ހަފްތާގެ ތެރޭގައި އިތުރު 33 ރަހީނުން ދޫކޮށްލެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި ދިރިހުރިކަމަށް ބެލެވޭ އެމެރިކާގެ 9 ރައްޔިތުންނާއި، ބިބާސް ޢާއިލާގެ ދެ ކުޑަކުދިން ހިމެނެއެވެ. މި އެއްބަސްވުމާއެކު، އޮކްޓޯބަރު 7 އިން ފެށިގެން މެދުއިރުމަތި ހަލަބޮލިކޮށްލި ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އުއްމީދު އާވެގެން ދިޔައެވެ.