އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ދިއުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
އާސަންދައިން ބުނީ މި ދެ ޤައުމުގައި އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިހާރު އާސަންދަ ސްކީމްގެ ޚިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
އާސަންދައިން ބުނީ މި ޚިދުމަތް ފުޅާކުރުމާއެކު، ފުރަތަމަ އިސްކަން ދޭނީ ދެ ބަޔަކަށް ކަމަށެވެ. އެއީ:
1. ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި ތިބި ފަރާތްތައް.
2. ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތައް.
އާސަންދައިން އިތުރަށް ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށްވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.
އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށް އެދޭ ގޮތަށް ކަމަށް އާސަންދައިން ބުންޏެވެ. އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!