ކެލިފޯނިއާގެ ދެކުނު ސަރަޙައްދުގައި މިހާރު ރޯވެފައިވާ އަލިފާނުގެ ސަބަބުން 250 ބިލިއަން ޑޮލަރާއި 275 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން ވެއްޖެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއީ ފާއިތުވި އަހަރު އައި ހަރިކޭން ހެލީންއާއި 2023 ވަނަ އަހަރު މައުއީގައި ހިނގި އަލިފާނުގެ ހާދިސާއަށްވުރެ ބޮޑު ގެއްލުމެކެވެ.
އެކްޔުވެދަރގެ ޗީފް މީޓިއޮރޮލޮޖިސްޓް ޖޮނަތަން ޕޯޓަރ ވިދާޅުވީ މިއީ ކެލިފޯނިއާގެ ތާރީޚުގައި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށެވެ. އިތުރު އިމާރާތްތަކަށް ގެއްލުންވެއްޖެނަމަ، މިއީ ކެލިފޯނިއާގެ މި ފަހުގެ ތާރީޚުގައި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާއަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އަނދަމުންދާ އެންމެ ބޮޑު ދެ އަލިފާންގަނޑަކީ ޕެލިސޭޑްސް އަދި އީޓަންގައި ރޯވެފައިވާ އަލިފާނެވެ. މި ދެ އަލިފާނުގެ ސަބަބުން 12،000 އަށްވުރެ ގިނަ އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައެވެ. ޕެލިސޭޑްސް ހުޅުރޯވުން ފެތުރިގެން ދިޔައީ ސަންޓާ މޮނިކާއާއި މަލިބޫއާ ދެމެދުގައިވާ، އެމެރިކާގެ އެންމެ އަގުބޮޑު ގޯތިގެދޮރު ހުރި ސަރަޙައްދުގައެވެ. އެކްޔުވެދަރއިން ބުނާ ގޮތުގައި މި ސަރަޙައްދުގެ ގެތަކުގެ އަންދާޒާ އަގަކީ 2 މިލިއަން ޑޮލަރަށްވުރެ މަތީގެ އަގެކެވެ.
ޔޫއެސް ފަޔަރ އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހު މައުއީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 2،200 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ، 5.5 ބިލިއަން ޑޮލަރުގެ ގެއްލުން ވިއެވެ. އަދި ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހު އައި ހަރިކޭން ހެލީންގެ ސަބަބުން 225 ބިލިއަން ޑޮލަރާއި 250 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުންވި ކަމަށް އެކްޔުވެދަރއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!