ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އއ. ތޮއްޑޫގައި ޤާއިމްކޮށްފައިވާ އިހުރު ބާޒާރު މާރުކޭޓުން 6 ހަޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

ބީސީސީއިން ބުނީ ހަޓުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

ބީސީސީން ހާމަކުރި ގޮތުގައި މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމާއި، ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށެވެ. އަދި އެ ތަނަކީ ތޮއްޑޫއަށް އަންނަ ފަތުރުވެރިންނަށްވެސް ދަނޑުވެރިކަމުގެ އުފެއްދުންތަށް ވިއްކޭނެހެން ތަރައްޤީ ކޮށްފައިވާ ތަނަކަށް ވުމުން ބައިނައަޤްވާމީ މާކެޓަށް ދަނޑުވެރިކަމުގެ އުފެއްދުންތަށް ނެރުމަށް މަގުފަހިވާނެކަމަށް ބީސީސީން ބުނެއެވެ.

ތޮއްޑޫ އިހުރު ބާޒާރު ހުޅުވީ މިދިޔަ އޮކްޓޫބަރ މަހުގައެވެ. މި މާރުކޭޓަކީ އެންމެ ޒަމަނީ ފެންވަރަށް ހަޓު ތައްޔާރުކޮށްފައިވާ މާރުކޭޓެކެވެ. އެތަން ތަރަޤީކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގުވުމާއެކު ބީސީސީއިންނެވެ.