ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުން ކުރި މަސައްކަތްތަކުގެ ތެރެއިން 19.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި ތަކެތި ރިކަވަރ ކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކުގައި މާލެ ފްރަންޓްލައިން ޕޮލިސިންގ، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ބަހާތަކުގެ މަޢުލޫމާތު ހިމެނެއެވެ.

Ad
rt

ރިކަވަރކުރެވުނު ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު، 253 މޮޓޯ ސައިކަލް، 107 އިލެކްޓްރޯނިކްސް އައިޓަމް އަދި އެހެނިހެން ތަކެތި ހިމެނެއެވެ. މީގެ އިތުރުން، 374 މައްސަލައެއްގައި ހިމެނޭ 3.6 މިލިއަން ރުފިޔާއަށްވުރެ ގިނަ ނަގުދު ފައިސާވެސް ރިކަވަރކުރެވިފައިވެއެވެ.

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް 5,242 ކްރައިމްގެ އިންސިޑެންޓް ހުށަހެޅިފައިވާއިރު، ޖުމްލަ 9,154 އިންސިޑެންޓް ތަޙުޤީޤުކޮށްފައިވެއެވެ. މީގެ ތެރެއިން 7,157 މައްސަލަ ކޭސްކޮށްގެން ތަޙުޤީޤުކުރެވިފައިވާއިރު، 64 މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ.

ނެއިބަރހުޑް ޕޮލިސިންގގެ ދަށުން 681 ހައުސް ވިޒިޓް ޕްރޮގްރާމް، 1,101 ވިޔަފާރިތަކަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމް، އަދި 3,221 ޕަބްލިކް އިންޓަރެކްޝަން ހަރަކާތް ހިންގިފައިވެއެވެ. އަދި 907 ކަންބޮޑުވުން/މައްސަލަ ހައްލުކުރެވިފައިވެއެވެ.

އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން އެކި ފަރާތްތަކަށް 174 ޕްރޮގްރާމް ހިންގިފައިވާއިރު، މި ޕްރޮގްރާމްތަކުން 36,104 މީހުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.