އެމެރިކާގެ ލޮސް އެންޖަލަސްގައި މިހާރު ރޯވެފައިވާ ބިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ.
މި ހާދިސާގައި މިހާތަނަށް 24 މީހުން މަރުވެފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވެފައިވެއެވެ.
އީޓަން، ހަރސްޓް އަދި ޕެލިސޭޑްސް ފަޔަރގެ ނަމުން މަޝްހޫރުވެފައިވާ މި ތިން އަލިފާނުގެ ހާދިސާ ވަނީ މިހާރު 38،000 އޭކަރއަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައެވެ. މިއީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްއަށްވުރެ ބޮޑު ސަރަހައްދެކެވެ. އެނިމޭޓެޑް މެޕެއްގައި ދައްކާފައިވާ ގޮތުން، ޕެލިސޭޑްސް ފަޔަރ ވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައެވެ.
ކެލް ފަޔަރ ބެޓެލިއަން ޗީފް ޑޭވިޑް އަކުނާ ވަނީ ވެންޗުރާއިން ފެށިގެން ސަން ޑިއޭގޯއާ ހަމައަށް ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އިންޒާރުދީފައެވެ.
"މުޅި ސަރަހައްދުގެ ރައްޔިތުން ސަލާމަތްކުރުމަށް ތައްޔާރުވާން ޖެހޭ. ވެންޗުރާއިން ފެށިގެން ސަން ޑިއޭގޯއާ ހަމައަށް ތިބި އެންމެނަށް ވެސް އެނގެން ޖެހޭ ކަމަކީ، އަދިވެސް ސަލާމަތްކުރުމުގެ އަމުރު ނެރުމަކީ އެކަށީގެންވާ ކަމެއް ކަން." އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ދަނީ ގާތުން މަސައްކަތްކުރަމުންނެވެ. އަދި ރައްޔިތުންނަށް ވެސް ވަނީ މިކަމަށް ސަމާލުކަން ދިނުމަށާއި، އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!