ކުޑަކުދިންނާއެކު ޖިންސީ މުޢާމަލާތް ކުރާކަމުގެ ތުހުމަތުގައި، އިޒްރޭލަށް ތާއީދުކުރާ ލޮބީ ގްރޫޕެއްގެ ލީޑަރެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކުރީގެ އެމްޕީއެއް ހައްޔަރުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅު އިންޓަނެޓުގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި ވަނީ ޓްރެންޗް ކޯޓަކާއި ރަތް ކެޕެއް އަޅައިގެން ހުރި މީހަކު ބްރިޓިޝް ފުލުހުން ހިފައި ހައްޔަރުކުރާ މަންޒަރު ދައްކާފައެވެ.

Ad
rt

މިއީ "ޕީޑޯފައިލް ހަންޓަރުން" ކަމަށް ބުނާ ބަޔަކު އޭނާއާ ކުރިމަތިލުމަށްފަހު ކުރި ކަމެކެވެ. އެމީހުން ބުނި ގޮތުގައި އެމީހާ ވަނީ އިންޓަނެޓް މެދުވެރިކޮށް ކުޑަކުއްޖަކާއެކު ޖިންސީ މުޢާމަލާތްތަކެއް ހިންގާފައެވެ.

މި މީހާއަކީ އިވޯ ކެޕްލިން ކަމަށް ވަނީ ހާމަވެފައެވެ. އޭނާއަކީ 2005 އާ ހަމައަށް އިނގިރޭސިވިލާތުގެ ދެކުނުގައި އޮންނަ ހޯވްގެ ލޭބަރ ޕާޓީގެ ކުރީގެ އެމްޕީއެކެވެ. އަދި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރުގެ ސަރުކާރުގައި ޖޫނިއަރ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާއަކީ ޖުވިޝް ލޭބަރ މޫވްމަންޓް (ޖޭއެލްއެމް)ގެ ކުރީގެ ޗެއަރ އެކެވެ. މިއީ އިނގިރޭސި ވިލާތުގައި ހުންނަ އިޒްރޭލުގެ އެމްބަސީއާ ގާތް ގުޅުމެއް އޮންނަ ގްރޫޕެކެވެ.

އޭނާ މި މަޤާމުގައި ހުރިއިރު، އިޒްރޭލަށް ތާއީދުކުރާ މި ގްރޫޕުން ވަނީ އިނގިރޭސި އެކި އިޖްތިމާޢީ އަދި ސިޔާސީ ޝަޚްޞިއްޔަތުތަކާ ދެކޮޅަށް ބަދުނާމުކުރުމުގެ ކެމްޕޭނުތަކާއި ޔަހޫދީންނާ ދެކޮޅު ވާހަކަ ދެއްކިކަމުގެ ތުހުމަތުތައް ކޮށްފައެވެ. މީގެ ތެރޭގައި ކުރީގެ ލޭބަރ ލީޑަރު އަދި ބޮޑުވަޒީރުކަމަށް ކުރިމަތިލި ޖެރެމީ ކޯބިންވެސް ހިމެނެއެވެ.