ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް ޔެލްގެ ޢަޒުލުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ އަޑުއެހުމަށް ހާޒިރުނުވާނެ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އަޑުއެހުމާ ބެހޭ ގޮތުން ރައީސްގެ ވަކީލު ޔުން ގަޕް-ގޫން ވަނީ އެކަން ހާމަކޮށްފައެވެ.

Ad
rt

މާޝަލް ލޯ (އަސްކަރީ ގާނޫނު) އިއުލާން ކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލައެއްގައި ރައީސް ހައްޔަރުކުރުމަށް ތަހުގީގު ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ، ރައީސްގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވަކީލު ވަނީ ފާހަގަކޮށްފައެވެ.

"ގާނޫނީ ގޮތުން ބާތިލު އަދި ނެރެގެން ނުވާނެ ހައްޔަރު ކުރުމުގެ އަމުރެއް ތަންފީޒު ކުރަން މަސައްކަތް ކުރަމުންދާތީ، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން އެބަހުރި،" ވަކީލު ޔުން ބުންޏެވެ. އެހެންނަމަވެސް މި ކަންބޮޑުވުންތައް ހައްލުކުރެވިއްޖެނަމަ ރައީސް އަޑުއެހުމަށް ހާޒިރުވާނެ ކަމަށް އޭނާ ވަނީ އިތުރަށް ބުނެފައެވެ.

64 އަހަރުގެ ރައީސް ޔޫން ވަނީ ޑިސެމްބަރު 3 ވަނަ ދުވަހުގެ ރޭ އެގައުމުގައި މާޝަލްލޯ އިއުލާން ކޮށް، މުޅި ގައުމު ސިހުމަކަށް ގެނެސްފައެވެ. ނަމަވެސް ޕާލަމެންޓުން މިކަމާ ދެކޮޅަށް ވޯޓުލުމާ ގުޅިގެން އެ އަމުރު އުވާލެވުނެވެ. އޭގެ ފަހުން ޑިސެމްބަރު 14 ގައި އޭނާގެ މައްޗަށް ޢަޒުލު ކުރުމުގެ ވޯޓު ނެގި، މިވަގުތު އޭނާ ވަނީ މަގާމުން ސަސްޕެންޑް ކުރެވިފައެވެ. އަދި މިހާރު ދައުލަތުގެ ކަންކަން ބަލަހައްޓަމުން ދަނީ އިންތިޤާލީ ރައީސެކެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތް އިއުލާންކޮށްފައެވެ. އެގޮތުން ފެބްރުއަރީ 4 އާ ހަމައަށް ޖުމްލަ ފަސް އަޑުއެހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔޫން މިވަގުތު ހުރީ ސިއޯލްގައި ހުންނަ އޭނާގެ ރަސްމީ ގަނޑުވަރުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކުގައެވެ.