ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެސްޓޯނިއާއިން ރަސްމީކޮށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ.

Ad
rt

އެއަށްފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ރައީސް މުޢިއްޒަށް ތަޢާރަފްކޮށްދެއްވާފައެވެ. އަދި ރައީސް މުޢިއްޒުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ވެސް ވަނީ އެސްޓޯނިއާގެ ރައީސްއަށް ތަޢާރަފްކޮށް ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އެސްޓޯނިއާގެ ރައީސްއާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ. އަދި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.