މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވުމުން، އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ޓާސްކުފޯހެއް އެކުލަވާލައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވާ ގޮތުގައި، މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ.

Ad
rt

މީގެއިތުރުން، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށްކަމަށް ކުންފުނިން ބުނެފައިވެއެވެ.

މެޓުން ބުނީ ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެ ކޮޅިގަނޑު ހުޅަނގަށް ޖެހި އޭގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ވެސް މިއަދު ވަނީ ފަށައިފަ އެވެ.