ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް އެތައް ޒަމާނެއް ވެފައިވާ ބޮޑުބަޑިއެއް ފެނިއްޖެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިކަން ހާމަކޮށްފައިވަނީ އެ މަރުކަޒުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މި ބަޑި ފެނިފައިވަނީ މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކަމަށާއި، މިހާރު އެ ބަޑި ވަނީ އެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
ކުރީ ޒަމާނުގައި މާލޭގެ އުތުރު ފަރާތް ފިޔަވައި ހުރިހާ ދިމާލެއްގައިވެސް ބުރުޒުތައް ބިނާކޮށްފައިވާކަން އެނގެއެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި 10 ބުރުޒު ބިނާކޮށްފައިވާއިރު، އެ ބުރުޒުތަކުގައި 100 އެއްހާ ބަޑި ހުރިކަމަށް ލަފާކުރެވެއެވެ.
1819 ވަނަ އަހަރު ސިލޯނުގެ ސަރުކާރުން ނެރުނު ގެޒެޓެއްގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އޭރު މާލޭގައި ހުރި ބަޑިތަކުގެ ތެރޭގައި ލޯ ބަޑިވެސް ހިމެނެއެވެ. އަދި އެންމެ ބޮޑު ބަޑިއަކީ 12 ރާތަލުގެ ބަޑިއެކެވެ. މީގެ އިތުރުން، ގިނަ ބަޑިތަކަކީ ހޮލޭންޑުގައި އުފައްދާފައިވާ ބަޑިތަކެއް ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

މި ބަޑި ފެނުމާ ގުޅިގެން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ބަޑި އެ މަރުކަޒަށް ގެންގޮސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ފެޑޯ ކޮންސްޓްރަކްޝަން ކޮންޕެނީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޟަމީރަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!