"ސުވަރުގޭގައި ބައިވަރު ދޮރުކޮޅުތައް ވޭ" މިނަމުގައި އެތެރެ ފެންނަ ގޮތަށް ޓްރާންސްޕޭރަންޓްކޮށް ހަދާފައިވާ އާރޓް ޕްރޮޖެކްޓެއް ކަމުގައިވާ މިރީތި މިސްކިތް ހުންނަނީ ސައޫދީ އަރަބިއާގައެވެ.
ސައުދީ އަރަބިއާއަށް ނިސްބަތްވާ އާޓިސްޓެއްކަމުގައިވާ އަޖްލާން ހާރެމްގެ މި ކުޅަދާނަ މަސައްކަތުގެ ފަހަތުގައި ފޮރުވިފައިވާ މާނައެއްވެއެވެ.

މި މިސްކިތް ބިނާ ކޮށްފައިވަނީ ރޯލްޑް ސްޓީލް، ފްލެކްސީ ބިއްލޫރި، އެލުމިނިއަމް އަދި ބޮކި ބޭނުން ކޮށްގެނެވެ. މި މިސްކިތް ބިނާ ކުރަން ބޭނުންކޮށްފައިވަނީ ޔޫރަޕަށް ރެފިއުޖީން ވަނުން ހުއްޓުވަން ހަދާފައިވާ ފާރާއި، އެމެރިކާގެ ގުނަންޓަނާމޯ ބޭގެ ޖަލު ހަދަން ބޭނުން ކޮށްފައިވާ ތަކެތިންނެވެ.

މިތަކެތި ބޭނުން ކޮށްގެން މިގޮތަށް މިސްކިތެއް ބިނާކުރުމުން ގިނަބަޔަކުވަނީ މި މަސައްކަތް ފެނި އަޖާއިބުވެ ތައުރީފް ކޮށްފައެވެ.
މިހާރު މި މިސްކިތްވަނީ ވެންކޫވަރގެ ވެނިއަރ ޕާރކްގައި ދެއަހަރުވަންދެން މީހުން ބަލާލުމަށްޓަކައި ބެހެއްޓިފައެވެ. އަދި ދެ އަހަރު ހަމަވުމުން އަނބުރާ ސައުދީއަށް ނުވަތަ އެހެން ޤައުމަކަށް މި މިސްކިތް ޑިސްޕްލޭ ކުރުމަށް ގެންދިއުން އެކަށީގެންވެއެވެ.

އަޖްލާންގެ މި ހުނަރުވެރި މަސައްކަތް ބަލާލަން ޒިޔާރަތް ކުރި މީހުންވަނީ މިއީ ވަރަށް ޚާއްސަ މެސެޖްތަކެއް ލިބިގެންދާ އަޖައިބު ކުރުވަނިވި މަސައްކަތެއް ކަން ފާހަގަ ކޮށްފައެވެ.
އަޅުކަމަކީ އަމާންކަމާއި، މިނިވަންކަމާއި އެއްބައިވަންތަކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި، މުސްލިމުން ހުއްޓުވަން ނުވަތަ މުސްލިމުނަށް ދަތިކުރަން ބޭނުން ކުރެވިފައިވާ ތަކެއްތިން މި މިސްކިތް ބިނާ ކުރުމުން އިސްލާމްދީނާ މުސްލިމުންގެ އަމާންކަން ދައްކުވައިދޭކަން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!