ޑޮކްޓަރުންގެ އިހުމާލުން އަންހެނަކު މަރުވި މައްސަލާގައި މެލޭޝިއާގެ ދެ ޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފިއެވެ.

މެލޭޝިއާގެ ކްލާންގ ހައިކޯޓުން އިއްޔެ ނިންމި ޙުކުމެއްގައި، 2019 ވަނަ އަހަރު ޝާން ކްލިނިކް އެންޑް ބަރތް ސެންޓަރުގައި ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ޕުނިތާ މޯހަން ނަމަކަށް ކިޔާ އަންހެނަކު ނިޔާވި މައްސަލާގައި ދެ ޑޮކްޓަރުންނާއި ތިން ނަރުހުންގެ މައްޗަށް ކުށް ސާބިތުވެފައި ވެއެވެ.

Ad
rt

މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޑރ. މުނިއާންޑި ޝަންމުގަމް އަދި ޑރ. އަކަމްބަރަމް ރަވި އަކީ ސްޕެޝަލިސްޓް ޑޮކްޓަރުން ކަމުގައި ވީނަމަވެސް، ބަލިމީހާގެ ހާލަތު ރަނގަޅުވުމުގެ ކުރިން ބްރޭކަށް ދިޔުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އަދި ބަލިމީހާ ބެލެހެއްޓުމަށް ތިބި ނަރުހުންނަކީވެސް ސިއްޙީ ވުޒާރާއިން ހުއްދަ ލިބިފައިވާ ބައެއް ނޫން ކަމަށް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ޙުކުމުގައި ފަނޑިޔާރު ވިދާޅުވީ، މިފަދަ ވިހެއުމުގެ މައްސަލަތަކުގައި ދިމާވެދާނެ އެކްލެމްޕްސިއާ އަދި ޕްލެސެންޓާއާ ގުޅުންހުރި މައްސަލަތަކަށް ރިއާޔަތް ނުކުރުމަކީ ޑޮކްޓަރުންގެ އިހުމާލެއް ކަމަށެވެ. އަދި ބަލިމީހާ އަވަހަށް އެޗްޓީއޭއާރަށް ބަދަލުކޮށް، ގާތުން ހާލު ބެލިނަމަ މި ހިތާމަވެރި ހާދިސާ ހުއްޓުވިދާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި ޖުމްލަ 6 މިލިއަން ރިންގިޓް (1.3 މިލިއަން ޑޮަލަރު) ގެ ބަދަލު ދިނުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.