އިނގިރޭސިވިލާތުގެ ބްރައިޓަން ސިޓީގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވުމަށް ދިޔަ ފުލުހުންނަށް އެތަނުން ކެނެބިސް ދަނޑެއް ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ބީކަންސްފީލްޑް މަގުގައި ހުރި އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ލިބުނީ އިއްޔެ ހަވީރު 3:50 ގައެވެ. އަލިފާން ނިއްވުމަށް ދިޔަ ފަޔަރ އޮފިސަރުންނަށް ގެއަށް ވަދެވުނީ ވަރަށް އުނދަގޫކޮށް ކަމަށް ފަޔަރ އޮފިސަރުން ބުނެއެވެ.
އަލިފާން ނިއްވުމަށްޓަކައި އެގެ ހުރިމަގު ބަންދުކުރަން ޖެހިފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހަވީރު 6:00 ހާއިރު ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.
އަލިފާން ނިއްވުމަށްފަހު ގެ ބަލައި ފާސްކުރިއިރު ފެނުނު ބޮޑު ކެނެބިސް ދަނޑުގެ ސަބަބުން ފުލުހުންވަނީ ހައިރާންވެފައި ކަމަށް މީޑިއާގައި ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެއީ އެޕާޓްމަންޓްގައި ޤާނޫނާ ޚިލާފަށް ހައްދަމުންދާ ކެނެބިސް ދަނޑެއް ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު އެއްވެސް މީހަކު އެޕާޓްމަންޓްގައި ނެތުމުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ވެސް ނުވެއެވެ.
ސަސެކްސް ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށައިފައިވާއިރު، އެ މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، އެ މަޢުލޫމާތެއް ސަސެކްސް ޕޮލިހާ ހިއްސާކުރުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!