އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހު ރަށްރަށުގައި ހިފްޡްކޮށް ތަރާވީޙު ނަމާދުކުރުމަށް 50 ހާފިޡުން ގެނެއުމަށް ނިންމާފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީން ނެެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހާފިޒުން ގެނެއުމަށް ހިނގާނެ ޙަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 26،000 ރުފިޔާކަމަށެވެ.
މީގެ ތެރޭގައި ހާފިޒުން ރާއްޖެގެނެއުމާއި އަނބުރާ ފޮނުވާލުމާއި މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި ރަމަޟާން މަސް ނިމުމުން ހާފިޒުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަން ޖެހޭ ވަގުތުގައި ހިނގާނެ ހަރަދާއި ހާފިޒުންނަށް ދޭން ޖެހޭ އެލެވަންސްވެސް ހިމަނާފައިވެއެވެ.
މިއަހަރު އަދާލަތު ޕާޓީ މެދުވެރިކޮށް ހާފިޒުން ގެންނަން ބޭނުންވާ ރަށްތަކުން 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ނުވަތަ މެއިލްއަށް ((admin@adhaalath.org.mv ލިޔުމަކުން އެކަން އަންގާ ފައިސާ ދެއްކުމަށް އެ ޕާޓީން އެދިފައިވެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3342674، 9903231 ނުވަތަ 7789355 އަށް ގުޅުއްވުމަށް އެ ޕާޓީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!