އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި އިތުރު ކުންފުނިތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަކުރެވިފައިވާތީ، އުސޫލަށް ޢަމަލުނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަ ހަފުތާގައި އުސޫލުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާއި ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓުކޮށްފައިވާ އުސޫލާއި އެއްގޮތަށް އަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައްވެސް ފާހަގަކުރެވިފައިވާތީ އަމަލުނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑުމިނަށް ބަލައި އަންނަ ހަފްތާގައި އުސޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނަން."
މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ދާދި ފަހުން ވަނީ، އުމްރާވެރިން ޙާލުގައި ޖެއްސި އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ހިފެހެއްޓުމަށާއި، އެ ގްރޫޕް 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަށް ފަހުގައެވެ. އަދި އެ ގްރޫޕާއި އޭގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މައްކާގައި ޙާލުގައި ޖެހިފައިވާ ދިވެހި އުމްރާވެރިން، ހައްޖު ކޯޕަރޭޝަންގެ އެހީއާއެކު މާދަމާ ރާއްޖެ ގެނެވޭނެއެވެ. އަދި މިކަމާއި ގުޅިގެން، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އުސޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުމްރާވެރިންގެ ރައްކާތެރިކަމާއި ދަތުރުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!