ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީީ) އިން ނެރުމާ ގުޅިގެން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބިލެއް ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ 243 މެންބަރުން ތާއީދުކުރާކަމަށް ވޯޓުދިނުމާއެކުގައެވެ. ބިލާދެކޮޅަށް ވޯޓްދީފައިވައިވަނީ، 140 މެންބަރުންނެވެ. އަދި އެއް މެންބަރަކު ވަނީ ވޯޓުގައި ބައިވެރިނުވެއެވެ.
މި ބިލުގެ ދަށުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އެމެރިކާ އާއި އިސްރާއީލުގެ "ހިމާޔަތްކޮށްފައިވާ ފަރާތްތަކާ" މެދު އަޅާ ފިޔަވަޅުތަކުގައި އެހީތެރިވާ އެއްވެސް ފަރާތަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާއަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ތަހުގީގުކުރުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމާއި އަދި ދައުވާކުރުން ހިމެނެއެވެ.
މި ބިލު ފާސްކޮށްފައިވަނީ، ޣައްޒާގައި 30،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްފައިވާ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ މެދު އައިސީސީން ފިޔަވަޅު އަޅަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ 2002 ވަނަ އަހަރު ރޯމް ސްޓެޓިއުޓްގެ ދަށުން އުފެދުނު ބައިނަލްއަޤުވާމީ ކޯޓެކެވެ. މި ކޯޓުގެ މައިގަނޑު މަޤްސަދަކީ ހަނގުރާމަވެރި ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ނަސްލު ނައްތާލުމުގެ ކުށްތައް ބަލައި، އެ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.
އެމެރިކާއަކީ އައިސީސީގެ މެންބަރެއް ނޫނެވެ. ނަމަވެސް ގިނަ ހާލަތްތަކުގައި އައިސީސީގެ މަސައްކަތަށް އެހީތެރިވަމުން އައި ޤައުމެކެވެ. އެހެންނަމަވެސް މިފަހަރު އިސްރާއީލުގެ ބޮޑުވަޒީރާ މެދު އައިސީސީން އަޅަން އުޅޭ ފިޔަވަޅާ ގުޅިގެން، އެމެރިކާއިން އައިސީސީގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިންސާނީ ހައްޤުތަކުގެ ބައެއް ޖަމާއަތްތަކުން ބުނާގޮތުގައި، މި ބިލު ފާސްކުރުމަކީ ބައިނަލްއަޤުވާމީ ގާނޫނުގެ ދަށުން މިނިވަން މުސްތަޤިއްލު ޝަރުއީ އިދާރާއެއްގެ މަސައްކަތަށް ބުރޫއަރުވައި، ހަނގުރާމަވެރި ކުށްތަކުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކުގެ ޖަވާބުދާރީވުން ހުއްޓުވުމަށް އެޅޭ ނޭދެވޭ ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!