ލޮސް އެންޖެލަސްގައި މިހާރު ކުރިމަތިވެފައިވާ ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެ، 9000 އަށްވުރެ ގިނަ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
މި ހާދިސާގެ ސަބަބުން މިހާތަނަށް 130،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސަލާމަތް ކުރުމަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާއިރު، މި އަލިފާނުގެ ހާދިސާއަކީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއް ލިބިދާނެ އަލިފާނުގެ ހާދިސާ ކަމަށް މާހިރުން ލަފާކުރެއެވެ. އަދި ލޮސް އެންޖެލަސް އަދިވެސް ނުރައްކަލުން ސަލާމަތްވެފައި ނުވާ ކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ.
މި ނުރައްކާތެރި ބިރުވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ލޮސް އެންޖެލަސް ކައުންޓީގެ އޮފިޝަލުން މައުލޫމާތު ދެއެވެ. ސަލާމަތީ ބާރުތަކާއި ފަޔަރ ފައިޓަރުން ދަނީ ދުވާލާއި ރޭގަނޑު ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ.
ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވެފައިވާ މީހުންނަށް އެހީތެރިވުމަށް އެމެރިކާގެ ފެޑެރަލް ސަރުކާރުން އެމަރޖެންސީ ފަންޑެއް ވެސް ވަނީ އިއުލާނުކޮށްފައެވެ. އަދި ގެއްލުން ލިބުނު އާއިލާތަކަށް ވަގުތީ ހިޔާވަހިކަމާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!