ލުބުނާންގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ ސިފައިންގެ އިސްވެރިޔާ ޖޯސެފް އައުން ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އައުން އެމަޤާމަށް އިސްކޮށްފައި މިވަނީ 2022 ވަނަ އަހަރުން ފެށިގެން ލުބުނާންގެ ރައީސްގެ މަޤާމް ހުސްވެފައި އޮތުމަށްފަހުގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 60 އަހަރުގެ އައުންގެ އެމަޤާމަށް އިންތިޚާބު ވުމުން ފާހަގަކޮށްދެނީ އިރާނުގެ ބާރުގަދަ އެހީތެރިޔާ، ހިޒްބުﷲގެ ނުފޫޒު އެގައުމުގައި މިހާރު ދަށްވެފައިވާކަމެވެ. މިއީ އިޒްރޭލާ އެކު ހިނގި ހަނގުރާމައިގައި ހިޒްބުﷲއަށް ލިބުނު ބޮޑު ގެއްލުމާއި، ސީރިއާގެ ރައީސް ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލެވުމާ ގުޅިގެން އައި ބަދަލެއް ކަމަށް ބެލެވެއެވެ.
ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅުގައި އައުން ވިދާޅުވީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮންނަންވާނީ ހަމައެކަނި ދައުލަތަށް ކަމަށެވެ. އަދި އިޒްރޭލުގެ ހަމަލާތަކުން ލުބުނާން ސަލާމަތްކުރުމަށާއި، ހަނގުރާމައިގައި ހަލާކުވެފައިވާ ދެކުނު ލުބުނާން އަލުން ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އައުންގެ އިންތިޚާބަށް އެމެރިކާ އާއި ފްރާންސް، އަދި ސަޢޫދީ އަރަބިއްޔާގެ ތާއީދު ލިބިފައިވެއެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީން ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ވެސް ފާހަގަކުރެވެއެވެ.
ލުބުނާންގެ މަޒްހަބީ ބާރު ހިއްސާކުރުމުގެ ނިޒާމުގެ ދަށުން ރައީސްކަމުގެ މަޤާމަށް އަންނަންޖެހެނީ މެރޮނައިޓް ކްރިސްޓިއަން ކެތޮލިކް ދީނުގެ މީހެކެވެ. އެހެންނަމަވެސް 128 މެންބަރުންގެ ޕާލަމެންޓުގެ ދެވަނަ ވޯޓުގައި އައުންއަށް 99 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!