މެޓާ އާއި އީބޭ ގުޅިގެން ފޭސްބުކް މެދުވެރިކޮށް އީބޭއިން އޯޑަރު ކުރެވޭ އާ ޚިދުމަތެއް ފަށަން ނިންމައިފިއެވެ.
މެޓާ އިން މިއަދު ހާމަކުރި ގޮތުގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އީބޭގެ ތަކެތި ގަނެވޭނެ އައު ޚިދުމަތެއް ތަޢާރަފުކުރަން ނިންމާފައިވާއިރު، މި ޚިދުމަތް ފުރަތަމަ ފަށާނީ ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާގައެވެ.
މި ޚިދުމަތުގެ ދަށުން، ފޭސްބުކް މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް އީބޭގައި ހުންނަ ތަކެތި ބަލައި، އީބޭ މެދުވެރިކޮށް އެތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން އީބޭގެ ވިޔަފާރިވެރިންނަށް ފޭސްބުކްގެ ގިނަ ޔޫޒަރުންނަށް އެމީހުންގެ މުދާ ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މެޓާ އިން ބުނެފައިވެއެވެ.
މި ޚިދުމަތް ފެށުމަށް ފޭސްބުކުން ޓެސްޓްތައް ކުރަމުން މިދަނީ، ފޭސްބުކް މާކެޓްޕްލޭސްއާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަނުން 840 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މެޓާއިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ކޮމިޝަންގެ ނިންމުން އިސްތިއުނާފު ކުރަމުންދިޔަ ނަމަވެސް، ކޮމިޝަނުން ފާހަގަކުރި ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެއެވެ.
މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަނުން އެއްވެސް ކޮމެންޓެއް އަދި މިހާތަނަށް ކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!