ގްރީންލޭންޑް މިނިވަންވެދާނެ ކަމަށާ، އެހެންނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށް ޑެންމާކުން ބުނެފިއެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް، އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ބާރުގެ ބޭނުން ކުރަންޖެހިދާނެ ކަމުގެ އިންޒާރެއް ދެއްވުމާއި ގުޅިގެން، ޑެންމާކުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ގްރީންލޭންޑްގެ ރައްޔިތުން ބޭނުންވާނަމަ މިނިވަންވުމުގެ ފުރުސަތު އޮތްކަމަށާއި، ނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށެވެ.
ޓްރަމްޕްގެ ބަޔާނާ ގުޅިގެން ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓް އީގެޑް ވަނީ ބުދަ ދުވަހު ކޯޕަންހޭގަންގައި ޑެންމާކުގެ ރަސްގެފާނާ ބައްދަލުކުރައްވާފައެވެ. އަދި ހަމަ އެދުވަހު ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވަނީ ގްރީންލޭންޑަށް އަމިއްލަ ދަތުރެއް ކުރައްވާފައެވެ.
ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކެ ރަސްމުސެން ވިދާޅުވި ގޮތުގައި ގްރީންލޭންޑްގެ އަމިއްލަ އެދުންތަކަށް ޑެންމާކުން ފުރިހަމައަށް އިހްތިރާމްކުރެއެވެ. އެހެންނަމަވެސް އެމެރިކާގެ ސްޓޭޓަކަށްވުމުގެ އެދުމެއް ގްރީންލޭންޑްގައި ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
600 އަހަރު ވަންދެން ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑްގައި ދިރިއުޅޭ 57،000 މީހުން މިހާރު އެމީހުންގެ އެތެރޭގެ ކަންކަން އަމިއްލައަށް ހިންގަމުންދެއެވެ. އަދި ގްރީންލޭންޑްގެ ސަރުކާރުން ވަނީ ފުރިހަމަ މިނިވަންކަމަށް ވާސިލުވުމުގެ މަގުސަދު ކަނޑައަޅާފައެވެ.
ޓްރަމްޕްގެ ބަޔާނާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފްރާންސްގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫރަޕްގެ ސަރަހައްދީ ސިޔާދަތަށް އެހެން ޤައުމުތަކުން ގެއްލުން ދިނުމަށް ފުރުސަތެއް ނުދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!