އެމެރިކާގެ ލުއިޒިއާނާގައި ދޫނި ރޯގާ (ބާރޑް ފްލޫ) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ލުއިޒިއާނާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި އެޗް5އެން1 ގެ ނަމުން މަޝްހޫރު ބާރޑް ފްލޫ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 65 އަހަރުން މަތީގެ މީހަކު ވަނީ މަރުވެފައެވެ. މި މީހާއަކީ އެހެން ބަލިތަކެއްވެސް ހުރި މީހެކެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި މީހާއަށް ބަލި ޖެހުނީ އަމިއްލައަށް ގެންގުޅޭ ދޫނި ސޫފާސޫފި އަދި އާންމު ތަންތަނުގައި އުޅޭ ދޫނިތަކާ ގައިގޯޅިވެ ހެދުމުގެ ސަބަބުންނެވެ. އަދި މި މީހާގެ ކިބައިން އެހެން އެއްވެސް މީހަކަށް ބަލި އަރާފައި ނުވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ބާރޑް ފްލޫއަކީ މައިގަނޑު ގޮތެއްގައި ދޫނިތަކަށާއި އެހެނިހެން ޖަނަވާރުތަކަށް ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޫނިތައް ހިޖުރަކުރުމުގެ ސަބަބުން ގޭގައި ގެންގުޅޭ ދޫނިތަކަށާއި އާންމުކޮށް އުޅޭ ދޫނިތަކަށް މިބަލި ޖެހެމުންދެއެވެ. އެޗް5އެން1 ވައިރަހަކީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ޗައިނާގައި ފެނުނު، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދޫނިތަކުގެ މެދުގައި ފެތުރެމުންދާ މައިގަނޑު ވައިރަހެވެ.
ލުއިޒިއާނާގެ ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި އާންމު ރައްޔިތުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް ދޫނި ސޫފާސޫތްޕާއި ގުޅުން ބަހައްޓާ މީހުންނާއި ކުރާ މަސައްކަތެއްގެ ގޮތުން އެ ތަކެއްޗާ ދިމާވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި މިހާތަނަށް ބާރޑް ފްލޫ ޖެހުނުކަން ކަށަވަރުވެފައިވަނީ 66 މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!