ދިވެހީންގެ ތެރޭގައި އަށަގަނެފައިވާ ގޯސް އާދަތަކުން ދުރުކުރުމަށް އެޅި ފިޔަވަޅުތަކަކީ އާންމުންނަށް އުނދަގޫކުރުން ނޫންކަމަށާއި، އަމާޒަކީ ޖީލުތައް ސަލާމަތްކޮށްދީ ހަޤީގީ މާނައިގައި ތަރައްޤީ ހާސިލްކުރުންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ،ވާދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭ ކަމެއް ނޫންކަމަށާއީ، ގޯސްކަމެއް ފެނުމުން އެކަމަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ތަރައްޤީއަކީ ހަމައެކަނި ލޮލަށް ފެންނަ އަދި އަތުން ހިފޭ ކަންކަން ނޫންކަމަށާއި، ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާއި ހެޔޮ ކަންކަމަށް ބާރުއަޅައި، ރަނގަޅު މުޖުތަމަޢުއެއް ބިނާ ކުރުމަކީ ހަޤީގީ ތަރައްޤީ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރު މި އޮތީ އެ ގޮތުގައި ކުރިއަށްދާން. ވަރަށް އުނދަގޫ ބައެއް ނިންމުންތައް، މި ވިސްނުމުގައި ކުރިއަށް އޮތް މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެންގެ ޖީލުތައް ސަލާމަތްކޮށްދީ ވަށާޖެހޭ ތަރައްޤީއަކުން ތަރައްޤީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށްޓަކައި ނިންމުންތައް ނިންމަމުން މި ދަނީ"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުުރުން ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި އެ މަނިކުފާނުގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ވަށާޖެހޭ ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުގެ ނިޔަތް ވަރަށް ސާފު މިކަމުގައި. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން، މި ވިސްނުމުގައި އަޅުގަނޑުމެންގެ ގައުމު ތަރައްގީކުރުމުގައި ވަށާޖެހޭ މާނަވީ އަދި އަތުން ހިފޭ ތަރައްގީ ހާސިލްކުރުމުގައި ކުރިއަށްދާން އަޒުމްކަނޑައަޅަން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ހަގީގީ ތަރައްގީ ރާއްޖެއަށް ލިބިގެންދާނެ."
ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ވާހަކަފުޅު އަމާޒުކުރެއްވީ މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން އަދި ސިނގިރޭޓު ވިއްކޭނެ އުމުރު 21 އަހަރަށް މަތިކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކަށް ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލިދިއްކޮށް، ފާޑު ކިޔާތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!