ދިވެހި ދައުލަތުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ 500 މިލިއަނެއްހާ ރުފިޔާ މިހާރުވެސް ދޫކުރަން ފަށާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ގއ އަދި ގދ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ގދ ހޯނޑެއްދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ވިދާޅުވީ، މިހަފްތާގަވެސް މާލީ ވުޒާރައިން އެކިއެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ފައިސާގެ ގޮތުގައި 500 މިލިއަނެއްހާ ރުފިޔާ ދޫކުރަން ފަށާފައިވާ ކަމުގަ އެވެ. އަދި މިއީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދެވޭ ފައިސާކަމަށާއި މިމަގުން މިދިޔަ މަސްތަކުގައިވެސް އެކަން ކޮށްފައިވާނެ ކަމުގައެވެ.

Ad
rt

މީގެ އިތުރުން ކުރީ ސަރުކާރުން ފެނަކަ، ވެމްކޯ، އާރުޑީސީ، އެމްޓީސީސީ މިހެން ގޮސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އަމިއްލަ ކުދި ކުންފުނިތައް ލައްވާ މަސައްކަތްކުރުވާފަ ނުދެވި ހުރި ފައިސާގެ ބޮޑުއަދަދެއް ނުދެވި ހުރީ ސަރުކާރުގެ އެކުންފުނިތަކުގެ ހިންގުން މެނޭޖް ނުކުރެވި އޮތްލެއް ބޮޑުކަމުން ކަމަށާއި މިގޮތަށް ނުދެއްކި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރޯދަމަސް އަންނަންވާއިރަށް ދައްކާ ނިންމޭތޯ ބަލަމުންދާ ކަމުގައި ވެސް ވިދާޅުވިއެވެ.

މިހުރިހާ މަސައްކަތެއް މިކުރަނީ ގައުމު ދަރަނިވެރި ވިޔަނުދީ އެއްވެސް ގޮތަކަށް ފައިސާ ޗާޕުކުރުމެއްނެތި އަދި އެފައިސާގެ އަގު ހިފަހައްޓައިގެން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭންހުރި މިފަދަ ފައިސާ ދިނުމަށްކަމަށެވެ. އަދި ހަމަ މިއާއެކު ސަރުކާރުން ބޭރުގެ ދައްކަންޖެހޭ ހުރިހާ ދަރަނިތައް ދައްކަމުން ދިވެހި ގައުމަށް ތަރައްގީވެސް މިގެންނަނީ މިކަން މިގޮތަށް ކުރުމުގެ ފަންނީ ވިސްނުން ސަރުކާރުގައި ހުރެގެން ކަމަށެވެ.