ސީރިއާ އަށް އަމާޒުކޮށްގެން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ލުއިކުރުމަށް އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ނިންމައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން މި ނިންމުން ނިންމާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

Ad
rt

މި ނިންމުމާއެކު އެކި އެހީ ޖަމިއްޔާ ތަކާއި ކުންފުނިތަކަށް ކުރިން ވަކިވަކި މުއާމަލާތްތަކަށް ހުއްދަ ހޯދުމަކާ ނުލައި ސީރިއާއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ހިމެނެއެވެ.

އޯފެކް އިން ދޫކޮށްފައިވާ ސީރިއާ ޖެނެރަލް ލައިސަންސް 24ގެ ދަށުން، ތެޔޮ، ގުދުރަތީ ގޭސް އަދި ކަރަންޓް ފަދަ ހަކަތައާ ގުޅުންހުރި މުޢާމަލާތްތައް ހިންގުމުގެ ހުއްދަ ވެސް ދީފައިވެއެވެ. އަދި ސީރިއާ އަށް އަމިއްލަ ފަރުދުން ފޮނުވާ ފައިސާގެ މުޢާމަލާތްތައް ސީރިއާގެ މަރުކަޒީ ބޭންކް މެދުވެރިކޮށް ހިންގުމަށް ވެސް މި ނިންމުމުން މަގުފަހިވެގެންދާނެއެވެ.

ނަމަވެސް މި ލުއިތަކުގެ ތެރޭގައި ސީރިއާގެ މިލިޓަރީ އަދި އިންޓެލިޖެންސް އިދާރާތަކާއި، އެފަދަ އިދާރާތަކަށް ނިސްބަތްވާ ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތަކެއް ނުހިމެނެއެވެ. އަދި ހަމައެހެންމެ ސީރިއާގެ ދައުލަތަށާއި، ބައްޝާރް އަލް އަސަދް އާއި އޭނާގެ އެކުވެރިންނަށް ނިސްބަތްވާ މުދަލާއި މަސްލަހަތުތައް ވެސް މި ނިންމުމުން ދޫކޮށްނުލެވޭނެ ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

"މި ވަގުތު އަޅުގަނޑުމެން މިދަނީ ބިމުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުން" ކަމަށް ޓްރެޜަރީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ސީރިއާގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެ ގައުމަށް ފޯރުކޮށްދެވޭ އިންސާނީ އެހީތެރިކަން އިތުރުކުރުން ކަމަށް ޓްރެޜަރީން ބުނެފައިވެއެވެ. ނަމަވެސް ބައްޝާރް އަލް އަސަދްގެ ވެރިކަމާ މެދު އެމެރިކާއިން ދެކޭގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ސީރިއާގެ މަރުކަޒީ ބޭންކުގެ އިސްވެރިންނާއި، ހަޔާތް ތަހްރީރުއް ޝާމް (އެޗްޓީއެސް) އާ ގުޅުންހުރި އެއްވެސް ފަރާތަކަށް ވެސް މި ލުއިތަކުގެ ފައިދާއެއް ނުކުރާނެ ކަމަށް ޓްރެޜަރީން ބުނެފައިވެއެވެ.