ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ފަށަން ތައްޔާރުވެއްޖެއެވެ.
މި ކޯހަކީ "ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް" ގެ ނަމުގައި ހިންގާ ކޯހެކެވެ.
މި ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ. އިލްމް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ބަހުން ކިޔަވައިދޭ ޑިޕްލޮމާ ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ޢިލްމީ ބޭފުޅުންނެވެ.
ކޯހުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އަޤީދާ އެންޑް އިސްލާމިކް އެތިކްސް، ޒަކާތު ސައިންސްގެ ޢާންމު އުޞޫލުތައް، މުދަލު ޒަކާތް ބެހުމުގެ ޝަރުޢީ ޙުކުމްތައް، ދިވެހި ޒަކާތު ނިޒާމު، އަދި ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުން ހިމެނެއެވެ. މީގެ އިތުރުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޒަކާތުގެ ދައުރު، މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތައް، އިސްލާމިކް ފައިނޭންސް، އަދި މުދަލު ޒަކާތުގައި ޒަމާނީ ޝަރީޢަތުގެ މައްސަލަތައް ވެސް ކިޔަވައިދެވޭނެއެވެ.
އިލްމް އިންސްޓިޓިއުޓުން ވިދާޅުވި ގޮތުގައި މިއީ އިސްލާމީ އިޤުތިޞާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހެކެވެ. އަދި ވަރަށް އަވަހަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް އިޢުލާންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިލްމް އިންސްޓިޓިއުޓުން މިހާރުވެސް ޤުރުއާނާއި އިމާމުންނާއި މިސްކިތް ބެލެހެއްޓުމާ ގުޅޭ ކޯސްތަކެއް ހިންގަމުން ގެންދެއެވެ. އަދި 100 ހާފިޒުން ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވެއެވެ.
މި އައު ކޯހަކީ ރާއްޖޭގައި ޒަކާތު ޢިލްމުގެ ދާއިރާއިން ފަށާ ފުރަތަމަ ކޯސް ކަމަށްވުމާއެކު، މި ދާއިރާއިން ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.
އިލްމު އިންސްޓިޓިއުޓްގެ ފޯ އިސްލާމިކް ސްޓަޑީޒްގެ އައު މަރުކަޒެއް މިފަހުން ވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުޅުވާފަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ.
އައު މަރުކަޒުގައި ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސް ބައެއް ހިމެނެއެވެ.
މި މަރުކަޒުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކާއި، ކުޑަކުދިންނަށް ޚާއްޞަ ޤުރުއާން ކިޔަވައިދިނުމުގެ ކްލާސްތަކާއި، އަދި ޢަރަބި ބަހުގެ ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ޤުރުއާނުގެ ދާއިރާގެ ކޯސްތަކާއި ޢަރަބި ބަހުގެ ކޯސްތައްވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!