މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ.

ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އަންނަނީ ލިބެމުންނެވެ. މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓް ވަނީ ލިބިފައެވެ.

Ad
rt

ވީމާ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

އަދި ޚާއްޞަކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ.