ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭރުގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށް ހަމަޖައްސައިފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ ސީރިއާގެ ސިވިލް އޭވިއޭޝަން އެންޑް އެއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ އަޝަދު އަލް-ސުލައިބީއެވެ.
ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާއަށް ދެއްވި ބަޔާނެއްގައި އަލް-ސުލައިބީ ވިދާޅުވީ، ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ދިމިޝްގު އަދި އަލެޕޯ އެއާޕޯޓުތައް އަލުން ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖެނުއަރީ 7 ވަނަ ދުވަހުން ފެށިގެން ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށޭނެކަން އުފަލާއެކު އިއުލާނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދިމިޝްޤުގެ އެއާޕޯޓް ބައިނަލް އަޤުވާމީ ޚިދުމަތަށް މި ހުޅުވާލަނީ އެތަނުގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. 2011 ވަނަ އަހަރު ފެށުނު މުޒާހަރާތަކަށް ސަރުކާރުން އަނިޔާވެރިކޮށް ދެކޮޅުހެދުމާ ގުޅިގެން 2012 ގައި ގިނަ އެއަރލައިންތަކުން ދިމިޝްގަށް ކުރާ ދަތުރުތައް ހުއްޓާލިއެވެ. އެއީ މިހާރު ކުރިއަށްދާ ސީރިއާގެ ހަނގުރާމައިގެ ފެށުމެވެ.
ގަތަރު އެއަރވޭޒްއިން ވަނީ ދިމިޝްގަށް އަލުން ދަތުރުތައް ފަށާ ފުރަތަމަ ބައިނަލްއަގުވާމީ އެއަރލައިންގެ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ކުރާނެކަން އިއުލާނުކޮށްފައެވެ.
ސީރިއާގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް އަލުން ފެށުމަކީ އެ ޤައުމުގެ ތާރީޚުގައި މުހިންމު ބަދަލެކެވެ. 2011 ވަނަ އަހަރު ފެށުނު ހަނގުރާމައާ ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ސީރިއާއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ވަނީ ހުއްޓިފައެވެ. މި ހުއްޓުމުގެ ސަބަބުން ސީރިއާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޤައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ގުޅުންތައް ބޭރު ދުނިޔެއާ ކެނޑިފައިވެއެވެ. އެހެންކަމުން، މިހާރު ވައިގެ ދަތުރުތައް އަލުން ފެށުމަކީ ސީރިއާގެ އައު ވެރިކަމުން އެ ޤައުމު އަލުން ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މީގެ ސަބަބުން ވިޔަފާރި، ފަތުރުވެރިކަން އަދި ބައިނަލްއަގުވާމީ ގުޅުންތައް އިތުރުވެ، ސީރިއާގެ އިގްތިސާދު ކުރިއަރައިގެން ދިއުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!