މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ކަމަދޫގައި ހަރަކާތްތެރިވާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 1 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނަކީ، މާލެއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތަކީ ލ. ގަން މަތިމަރަދޫ / ފާގަމާގެ، އަޙްމަދު ޚަލީލު (50 އަހަރު) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، އަޙްމަދު ޚަލީލު ހައްޔަރުކުރެވުނީ ކަމަދޫ ބަނދަރު ސަރަހައްދުގައި ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު އަޙްމަދު ޚަލީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމާފައިވަނީ އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.
މި ވަގުތު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!