އާސަންދައިން ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާނަމަ އެކަން ރިޕޯޓުކުރުމަށް އެ ކުންފުނިން މިއަދު އާންމުންގެ ފަރާތުން އެދެފި އެވެ.
އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭސް ގަންނަން ދިއުމުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހުނަސް ނުވަތަ އާސަންދައިން ބޭހެއް ލިބެން ނެތްނަމަވެސް، އެކަން ވައިބަރ މެދުވެރިކޮށް ރިޕޯޓުކުރެވޭނެ ކަމަށެވެ. މިގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ 7951400 ނަންބަރަށެވެ.
އާސަންދައިން އިތުރަށް ބުނެފައިވަނީ، ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި، ބޭސް ސިޓީ އަދި ރަސީދު ވެސް ފޮނުވަންވާނެ ކަމަށެވެ. މި މަޢުލޫމާތު ހިއްސާކުރުމަކީ ޝަކުވާ ބެލުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ފަހަކަށް އައިސް، އާސަންދައިން ބޭހަށް ދޫކުރާ އަގު ކުޑަކުރުމާ ގުޅިގެން ބައެއް ބޭސްތައް ދޫކުރުން ހުއްޓިފައިވާ ކަމަށާއި، ބައެއް ބޭސްތައް އާސަންދައިގެ ތެރެއިން ނުލިބޭކަމުގެ ޝަކުވާތައް އިތުރުވެފައިވެއެވެ.
މި ކަންބޮޑުވުންތަކަށް އަމާޒުކޮށް، އާސަންދައިން މިފަދަ ޝަކުވާތައް ހުށަހެޅުމަށް އާންމުންގެ ފަރާތުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!