ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ.
ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި ފާސްކުރުމުން އެކި ބްރޭންޑްތަކުގެ ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޢަލީ ޙާޒިމް ދުއްވަމުންދިޔަ ކާރު ވަނީ ޓޯވ ކުރެވިފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި، އޭގެ ވިޔަފާރިކުރުމާއި ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!