ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ނަމުގައި އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރެވެ. މި އެއްބަސްވުމުގެ ދަށުން ހިންގާނީ ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ސީދާ ރައްޔިތުންނަށް ފައިދާކުރާނެ ތަރައްޤީގެ މަޝްރޫޢުތަކެކެވެ.
މިއީ މި އެއްބަސްވުމުގެ ތިންވަނަ ފިޔަވަހިކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާއިން މަޝްރޫޢުތައް ހިންގާފައިވެއެވެ.
ޚާރިޖީ ވަޒީރު ޚަލީލް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އިއްޔެ އިންޑިއާއަށް ވަޑައިގަތެވެ. މިއަދު ނިއުދިއްލީގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުއާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހިރާއްޖޭގައި ހިނގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިޞާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަޒީރު ޚަލީލް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއިން ޒަމާނުއްސުރެ ދިވެހިރާއްޖެއާ ދޭތެރޭ ބަހައްޓާ ގާތްކަން ފާހަގަކުރައްވައި، މި ދަތުރަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!