ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
ރޭ މެޗު ފަށައިގެން ރެއާލުން ގޭމް ކޮންޓްރޯލްކުރި ނަމަވެސް، ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެލެންސިއާއިންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ޖަހައިދިނީ ހޫގޯ ޑޫރޯއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ރެއާލަށް ލިބުނެވެ. އޭރިއާތެރެއިން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ބެލިންހަމް ފޮނުވާލިއިރު، އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށް ވެފައި ވަނިކޮށް ވިނީސިއަސްއާއި ވެލެންސިއާގެ ކީޕަރާއި ދެމެދު ހިނގި ހިތަހަމަ ނުޖެހުމެއްގެ ތެރޭގައި ވިނީ ވެލެންސިއާގެ ކީޕަރު ކޮށްޕާލުމާއި ގުޅިގެން ރެފްރީ ވަނީ ވިނީއަށް ރަތްކާޑު ދައްކާފައެވެ.
ރެއާލުން މެޗުގެ ނަތީޖާ އަނބުރާލީ ފަހުވަގުތުއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 85 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މޮޑްރިޗް ޖަހައިދިންއިރު، ރެއާލް މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޖަހައިދިނީ ބެލިންހަމްއެވެ.
މި މޮޅާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 19 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން ދެވަނާގައި އޮތީ އެތުލެޓިކޯ މެޑްރޑެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ތިންވަނާގައި ބާސާ އޮތީ 19 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!