ފުލުހުން ބުނާ ގޮތުގައި، 2025 ޖަނަވަރީ 01 ވަނަ ދުވަހު ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައި ތިބިކަމުގެ މަޢުލޫމާތު ފ. ފީއަލީ ޕޮލިސް ޕޯސްޓަށް ލިބުމާ ގުޅިގެން، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުންނާއި، ފ. ފީއަލީ ކައުންސިލާއި، އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، ހާލުގައި ޖެހުނު ފަރާތްތައް ފ. ފީއަލިއަށް ގެނެސްދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ދަތުރުގެ ބައިވެރިންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad
rt

ހާލުގައި ޖެހި ފަޅުރަށުގައި ތިބީ ތިން އަންހެނަކާއި ދެ ފިރިހެނުންނެވެ. އެ މީހުން ރޭގެ ވަގުތެއްގައި ރަށަށް ގެނެވުނު ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

ދަތުރުގެ ބައިވެރިން ގެނެސް ގެންދިއުމުގައި ހަރަކާތްތެރިވި ދޯނި، ކުޑަކުދިން ހިމެނޭހެން އެއް ބަޔަކު ރަށަށް ގެނައުމަށް ފަހު، ބާކީ ތިބި މީހުން ބަލައި ދިޔަ އެވެ. ނަމަވެސް، އަނދިރިވެ މޫސުން ގޯސްވުމުން އެ މީހުންނަށް އެނބުރި ރަށަށް ނާދެވުނީ އެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ރަނގަޅު ނޫން ކަމަށް ބުނެ، މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރަމުން އަންނަ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓް އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.