ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި، ނަމަވެސް އެންމެ އަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ސަރުކާރުން ހޯއްދަވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހަމަޖެހުމާއި އިޖުތިމާޢީ އަދާލަތާއި އިންސާފު ޤާއިމްކުރުމާއި މާލީ ހާލަތު އޮތީ ފެއިލްވެފައި ކަމަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ވެސް ސަރުކާރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮތުން އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާއި، ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުން ފަދަ ކަންކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ނާންނަ މިންވަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ، މެދުކެނޑުމެއް ނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން،"
މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި އޮތް ސުލްޙަވެރިކަމާއި އަމާންކަމާއި އެކުވެރިކަން އަލުން އިޢާދަކުރުން ހިމެނޭ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައީސް މުޢިއްޒުގެ 5 އަހަރުގެ ތެރޭގައި އަމާން، ރައްކާތެރި އަދި ތަރައްޤީވެފައި އޮތް ދިވެހިންގެ ރާއްޖެއެއް އެމަނިކުފާނު ހޯއްދަވައިދެއްވާނެ،"
މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ނިންމާލެއްވީ، ސަރުކާރުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
2024 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށާއި ސިޔާސީ މަޝްރަޙަށް ގިނަ ބަދަލުތަކެއް އައި އަހަރެއް ކަމަށާއި، 2025 ވަނަ އަހަރަކީ މި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ އަހަރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓު ވެގެންދާނީ ސަރުކާރުގެ ދުވެލި އިތުރަށް ބާރުކޮށް ގިނަ ކާމިޔާބީތައް ހާސިލްކުރެވޭނެ އަހަރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!