ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނަ އެޅި އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ގަދަ ފިނީގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން އަންގާރަ ދުވަހު ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ޓެންޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
"ހަނގުރާމައިގެ ސަބަބުން ދިރިއުޅެން ނުކުޅެދިފައިވާ މީހުން މިހާރު ވަނީ ގަދަ ވިއްސާރައާ ކުރިމަތިލާން ޖެހިފައި،"
އަންރުވާގެ ބަޔާނުގައި ބުނެފައިވެއެވެ.
އދ. ގެ އޭޖެންސީން ބުނެފައިވާ ގޮތުގައި ވާރޭވެހުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ 100 އަށްވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެ، ދެކުނުގެ ޚާން ޔޫނިސް ސިޓީގައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މީގެ އިތުރުން، "ގާތްގަނޑަކަށް 500 އާއިލާ އަދިވެސް ދިރިއުޅެމުންދަނީ ޣައްޒާގެ އައްސޭރިފަށުގައި" ކަމަށް އަންރުވާއިން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަކަށްފަހު، އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް 45،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުގެ ސިފައިން މި ހަނގުރާމަ ގެންދަނީ ކުރިއަށެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފައިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިޒްރާއީލުގެ މައްޗަށް ގާޒާގައި ހިންގާ ނަސްލު ނައްތާލުމުގެ މައްސަލައެއް ހިނގަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!