އިޓަލީގެ ސަރުކާރުގެ މުހިންމު ވެބްސައިޓްތަކަކަށް ރަޝިޔާއަށް ތާއީދުކުރާ ހެކަރުން ހަމަލާދީފިއެވެ.
މި ހަމަލާގައި ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީއާއި މިލާނުގެ ދެ އެއަރޕޯޓުގެ ވެބްސައިޓްތައް ވަގުތީގޮތުން ހުއްޓުވާލާފައިވާ ކަމަށް އެ ޤައުމުގެ ސައިބަރ ސެކިއުރިޓީ އޭޖެންސީން ވަނީ ހާމަކޮށްފައެވެ.
ހޮނިހިރު ދުވަހު ދިން މި ހަމަލާ ޖުމްލަ 10 ވެބްސައިޓަކަށް އަމާޒުކޮށްފައިވާ ކަމަށް ބުނެއެވެ. މި ހަމަލާ ދިން ފަރާތްކަމަށް ބެލެވެނީ ރަޝިޔާއަށް ތާއީދުކުރާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ "ނޯނޭމް057(16)" އެވެ. މި ގްރޫޕުން ޓެލެގްރާމްގައި ބުނެފައިވަނީ އިޓަލީގެ "ރަޝިޔާ ދެކެ ނަފްރަތުކުރާ ފަރާތްތަކަށް" ސައިބަރ ހަމަލާއެއް ދީފައިވާ ކަމަށެވެ.
އިޓަލީގެ ސައިބަރ ސެކިއުރިޓީ އޭޖެންސީގެ ތަރުޖަމާނެއް ބުނެފައިވަނީ މި ހަމަލާއަކީ "ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް" (ޑީޑީއޯއެސް) ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. މިފަދަ ހަމަލާތަކުގައި ހެކަރުން މަސައްކަތްކުރަނީ ވެބްސައިޓްތަކަށް އާދަޔާ ޚިލާފު އަދަދަކަށް ޑޭޓާ ފޮނުވައިގެން އެ ވެބްސައިޓްތައް ހުއްޓުވާލުމަށެވެ.
އިޓަލީގެ ސައިބަރ ސެކިއުރިޓީ އޭޖެންސީން ބުނެފައިވަނީ ހަމަލާ ދިން ފަހުން ދެ ގަޑިއިރު ނުވަނީސް އެ ހަމަލާގެ އަސަރު ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ހަމަލާ ދެވުނު މުއައްސަސާތަކާއި ކުންފުނިތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިލާނުގެ ލިނާޓެ އަދި މަލްޕެންސާ އެއަރޕޯޓު ހިންގާ އެސްއީއޭގެ ތަރުޖަމާނެއް ބުނެފައިވަނީ މި ހަމަލާގެ ސަބަބުން ދަތުރުތަކަށް އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އެއަރޕޯޓުތަކުގެ ވެބްސައިޓްތައް ބަންދުވެފައި ހުރި ވަގުތުގައިވެސް މޯބައިލް އެޕްލިކޭޝަންތައް މަސައްކަތްކުރަމުން ދިޔަ ކަމަށްވެސް އެ ތަރުޖަމާނު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!