އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން ޕީއެންސީގެ ދަފްތަރުގައި ޖައްސާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.
މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެމްޑީޕީއިން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަދި ވަކިން ހާއްސަ ގޮތެއްގައި ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭކަމަށެވެ.
އެމްޑީޕީއިން މި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގިގެންދާ ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ.
އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް، ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!