ޔަލަމްލަމް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް 63 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެ ގްރޫޕުން މައުލޫމާތު ދީފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީ ކަމަށް ޔަލަމްލަމްއިން ބުނެފައިވެއެވެ. މުހައްމަދަކީ އިއްޔެ މެންދުރުފަހު ސައުދީ ފްލައިޓު SV839އިން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އެ ގްރޫޕުން ހާމަކޮށްފައިވެއެވެ.

Ad
rt

ޔަލަމްލަމްއިން ދިން މައުލޫމާތުގައިވާ ގޮތުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢީ ކުރަނިކޮށް މުހައްމަދު އާއިލާއާ ވަކިވެ ގެއްލިފައިވެއެވެ. މުހައްމަދު ގެއްލުނުއިރު، އޭނާ ހުރީ އިހްރާމުގައި ކަމަށާއި، އޭނާގެ ކަރުގައި ޔަލަމްލަމް ޖަމާއަތުގެ ފާސް ވެސް އަޅާފައި އޮންނާނެ ކަމަށް އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

މުހައްމަދު ދީދީއާ ގުޅޭ އެއްވެސް މައުލޫމާތެއް މައްކާއިން ލިބިއްޖެ ނަމަ، 593709493 966+ ނުވަތަ 565836862 966+ އަށް ގުޅުމަށް ޔަލަމްލަމް ގްރޫޕުން އެދިފައިވެ އެވެ. މީގެ އިތުރުން، 7901612 ނުވަތަ 9199919 އަށް ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުމުގެ ތެރޭގައި މީހުން ގެއްލިގެން މީގެ ކުރިން ވެސް ރިޕޯޓު ކޮށްފައިވާ ކަމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އުމްރާވެރިން ވީހާވެސް ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެވެއެވެ.

މިދުވަސްވަރަކީ އުމްރާގެ އަޅުކަން އަދާކުރުމަށް ގިނައަދަދެއްގެ ދިވެހިން ގޮސްއުލޭ ދުވަސްވަރެކެވެ. ބައެއް މަސްދަރުތަކުން ރިޕޯޓްކޮސްފައިވާގޮތުގައި 6500 މީހުން މި ޑިސެމްބަރުމަހު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.