ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ފްރޮންޓް ލައިންގައި އުތުރު ކޮރެއާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަފްތާގައި އެކަނި ވެސް ރަޝިއާގެ ކުރްސްކް ސަރަޙައްދުގައި އުތުރު ކޮރެއާގެ އެއްހާސް ސިފައިން މަރުވެ ނުވަތަ ޒަޚަމްވެފައިވެއެވެ.
މި އަދަދަކީ އެމެރިކާގެ އިސްވެރިން ކުރިން ހާމަކޮށްފައިވާ އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ. ކާރބީ ވިދާޅުވި ގޮތުގައި ރަޝިއާ އަދި އުތުރު ކޮރެއާގެ ސިފައިންގެ އިސްވެރިން މި ސިފައިންނާމެދު ދެކެނީ އެމީހުންނަކީ ހަލާކުވެދާނެ އެއްޗެއްގެ ގޮތުގައެވެ. އަދި އެމީހުންނަށް އަމުރުކުރަނީ ޔުކްރެއިންގެ ދިފާޢީ ބާރުތަކާ ދެކޮޅަށް އުއްމީދެއްނެތް ހަމަލާތައް ދިނުމަށެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވެސް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ސިފައިންނަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އަދި އެމީހުން ހަނގުރާމައަށް ފޮނުވަނީ އެއްވެސް ރައްކާތެރި ކަމެއް ނެތިކަމުގައި އޭނާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ސިފައިންގެ ތެރެއިން މަދު ބަޔަކު ހައްޔަރުކުރެވުނު ނަމަވެސް، އެމީހުންނަކީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ބައެއް ކަމަށާއި އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ނިއު ޔޯކްގައި ހުންނަ އުތުރު ކޮރެއާގެ އދ. މިޝަނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ރަޝިއާގެ އދ. މިޝަނުން ވެސް މިމައްސަލައަށް ވަނީ ކޮމެންޓް ކުރުމަށް އިންކާރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!