ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ތިން ބަންގްލަދޭޝް ރައްޔިތަކު ފުލުހުން ވަނީ ހައްޔަރުކޮށްފި އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ.
ފުލުހުން ވިދާޅުވީ، އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނި، އޭނާގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށްފަހު ދަނިކޮށް ކަމަށެވެ. އޭނާ ހުއްޓުވަން އުޅުމުން ވަނީ މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައެވެ.
އަހަންނާން ހައްޔަރުކޮށް، އަތިރިމަތީގައި ފޮރުވި ފޮށިގަނޑު ނަގައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އުޅެމުންދާ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ތިން މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މީގެ އިތުރުން ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!