ވަޓްސްއެޕްގެ ބިޒްނަސް އެކައުންޓްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރތަކުގެ ތެރޭގައި އޭއައި މެދުވެރިކޮށް މެސެޖު ފޮނުވުމާއި އޭއައި ޕްލެޓްފޯމްތަކާ އެޕްތައް ގުޅުވުމުގެ ޓޫލެއް ހިމެނެއެވެ.

ވަޓްސްއެޕްގެ އައު އަޕްޑޭޓްތަކާ ބެހޭ މަޢުލޫމާތު ހާމަކުރާ ވެބްސައިޓް ވާބެޓާއިންފޯ އިން ބުނާ ގޮތުގައި މި ފީޗަރތައް މިހާރު ވަނީ އައިއޯއެސް ބީޓާ ވަރޝަން 10/24/25/84 ގައި ތަޢާރަފުކޮށްފައެވެ. އެންޑްރޮއިޑް ވަރޝަންގައި މި ފީޗަރތައް ކުރިން ވެސް ލިބެން ހުއްޓެވެ.

Ad
rt

މި އައު ފީޗަރތަކުގެ ސަބަބުން ވިޔަފާރިތަކަށް ކިއުއާރު ކޯޑެއް ސްކޭންކޮށްގެން އެމީހުންގެ އެޕްތައް އޭއައި ޕްލެޓްފޯމްތަކާ ގުޅުވިދާނެއެވެ. މިގޮތަށް ގުޅުވުމުން އޭއައި އަށް ކަސްޓަމަރުންގެ މެސެޖުތަކަށް ޖަވާބުދެވޭނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އުފެއްދުންތައް ހުށަހެޅުމާއި، އަގުތަކާއި ސްޓޮކް ލެވެލްފަދަ މުހިންމު މަޢުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މި ޓެކްނޮލޮޖީ އަކީ ވިޔަފާރީގެ ގަޑިތަކުން ބޭރުގައި ވެސް ބޭނުންކުރެވޭނެ ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުން އެންގޭޖްކޮށް، އަވަސް ޖަވާބުތައް ކޮންމެ ވަގުތެއްގައި ވެސް ދެވޭނެއެވެ.

ވަޓްސްއެޕް އިން ބުނާ ގޮތުގައި ކަސްޓަމަރުން ވާހަކަދައްކަނީ އޭއައި އަކާ ކަން އެ ކަސްޓަމަރުންނަށް އެނގޭނެއެވެ. އަދި ބޭނުން ވެއްޖެ ހިނދެއްގައި ވިޔަފާރިތަކަށް އޭއައި އިން މުޢާމަލާތް ނަގައިގެން އަމިއްލައަށް ވެސް ކުރިއަށް ގެންދެވޭނެއެވެ.

މި އައު ފީޗަރތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި މެޓާ އިން ވަނީ ވިޔަފާރިތަކުގެ ފީޑްބެކް ހޯދަން ފަށާފައެވެ. އަދި ވިޔަފާރިތަކުން މި ފީޗަރތައް ބޭނުންކުރާ ގޮތަށް ބަލައި އިތުރު ބަދަލުތައް ގެނެވޭނެ ކަމަށް ބުނެފައިވެއެވެ.