ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރު އެ ގައުމުގެ ޕާލަމެންޓް އުވާލައްވައިފިއެވެ.
މިއާއެކު، ޗާންސެލަރ އޯލަފް ޝޯލްޒްގެ ސަރުކާރު ވެއްޓުމާ ގުޅިގެން ކުއްލި އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާކަން ކަށަވަރުވެއްޖެއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ.
ހުކުރު ދުވަހު ބަރލިންގެ ބެލްވިއު ގަނޑުވަރުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް ސްޓައިންމަޔަރު ވިދާޅުވީ، މި "އުނދަގޫ ދުވަސްވަރު" ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި "މަސައްކަތްކުރުމުގެ ގާބިލުކަން ހުރި ސަރުކާރަކާއި" އަދި "ޕާލަމެންޓުގައި އިތުބާރު ހިފޭ އަޣުލަބިއްޔަތެއް" ބޭނުންވާ ކަމަށެވެ.
ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޗާންސެލަރ ޝޯލްޒް ވަނީ މި މަހުގެ ކުރީކޮޅު ޕާލަމެންޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިވެފައެވެ. މިއީ މާލީ ވަޒީރު ކްރިސްޓިއަން ލިންޑްނަރުގެ ފްރީ ޑިމޮކްރެޓްސް ޕާޓީ ސަރުކާރުން ވަކިވުމާ ގުޅިގެން ސަރުކާރުގެ ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިއްތިހާދަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލުމުން ދިމާވި ކަމެކެވެ.
އާ ސަރުކާރެއް އުފެދެންދެން ޝޯލްޒް ވަގުތީ ޗާންސެލަރެއްގެ ގޮތުގައި މަގާމުގައި ހުންނަވާނެއެވެ. މި ވަގުތަކީ ފާއިތުވި ހަފުތާގައި ކްރިސްމަސް މާކެޓެއްގައި ކާރެއް އަރުވާލައިގެން ދިން ޓެރެރިސްޓް ހަމަލާއަކާ ގުޅިގެން އެ ގައުމުގައި ސަލާމަތާއި ރައްކާތެރިކަމާއި އިމިގްރޭޝަނާ ގުޅޭ ގޮތުން ހޫނު ބަހުސްތަކެއް އާވެފައިވާ ދަނޑިވަޅެކެވެ.
މި ހަމަލާގެ މައިގަނޑު ތުހުމަތު ކުރެވޭ ފަރާތަކީ ސައުދީ އަރަބިއްޔާގެ 50 އަހަރުގެ ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޠާލިބް އަލް-އަބްދުލްމޮހްސެއެވެ. އޭނާއަކީ ޖަރުމަނުވިލާތުގައި 20 އަހަރާ ގާތަށް ދިރިއުޅެމުން އައި މީހެކެވެ. އަދި އޭނާއަކީ އެ ގައުމުގައި މަގުބޫލުކަން އިތުރުވަމުން އަންނަ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ އޯލްޓަނޭޓިވް ފޯ ޖަރުމަނީ (އޭއެފްޑީ) ޕާޓީއަށް ތާއީދުކުރާ މީހެއް ކަމަށާއި އިސްލާމް ދީނާ ދެކޮޅު ޚިޔާލުތައް ފަތުރަމުން އައި މީހެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!