ކުރީގެ އެމްޑީޕީގެ ސަރުކާރުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ތެރޭގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ އިސްވެރިންނާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފިއެވެ.

ފުލުހުން ރޭ ހާމަކުރި ގޮތުގައި، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި، އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންއާ ގުޅުންހުރި ދެ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

Ad
rt

މި ތަންތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ސީޒްކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުންނަށް ހުށަހެޅުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭރުއްސުރެ މައްސަލައިގެ ޓެކްނިކަލް ކަންތައްތައް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ކުރެވުނު ތަޙްޤީޤުތަކުން، އާރުޑީސީގެ ޚިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އަހަރުގެ މާރިޗު މަހު ބޭއްވި މީޑިއާ ބްރީފިންގއެއްގައި ފުލުހުން ހާމަކުރި ގޮތުގައި، އާރުޑީސީގެ ޚިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކުގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ވަދެފައިވާކަން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ހިންގާ ތަޙްޤީޤުން ވަނީ އެނގިފައެވެ.

މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށާއި، އަދި ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ބުނެފަވެއެވެ.